މިއަދު ފެށުނު ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އެންމެހައި ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މި ފެށުނު އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ އަހަރު ކަމަށެވެ. މިއީ ދިވެހި އުންމަތަށް ވަރަށް ޚާއްޞަ އަހަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި، އިސްލާމްކަމުގެ މަތިވެރި ނިޢުމަތުގައި ދިވެހި ޤައުމު އެތައް ސަތޭކަ އަހަރަކު ލެހެއްޓެވިކަމަށްޓަކައި މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރައްވައި، ޤައުމަށް ހަމަޖެހުމާއި އަމާންކަމަށް އެދިވަޑައިގެންނެވިއެވެ.
“އިސްލާމްކަމުގެ ނިޢުމަތުގައި ދިވެހި ޤައުމު އެތައް ސަތޭކަ އަހަރަކަށް ލެހެއްޓެވީތީ ގަދަކީރިތިވަންތަ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަމުން، ދިވެހި ޤައުމަށް ނަޞްރާއި ކާމިޔާބީއާައި ހަމަޖެހުމަށް އެދެން. ދިވެހި ކޮންމެ ރައްޔިތަކަށްމެ މި އަހަރަކީ ބަރަކާތާއި ރަޙްމަތުން ފުރިގެންވާ އަހަރަކަށް ވުން އެދި ދުޢާކުރަން.” ރައީސް ވިދާޅުވިއެވެ.



