ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް ބަދަލުކުރުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެމްބެސެޑާ އެޓް ލާޖު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވީ، ޕީއެންސީގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން އެހެން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ފެށިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެންނެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުއިއްޒު ކަމަށާއި، އެމަނިކުފާނުގެ ލީޑަރޝިޕާއި މަސައްކަތްޕުޅަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެއްވެސް ކަހަލަ މަޝްވަރާއެއް ނުވަތަ ނެގޯޝިއޭޝަނެއް ކުރިއަށް ނުދާ ކަމަށްވެސް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
މީގެއިތުރުން ޕީއެންސީގެ ހުރިހާ ސަޕޯޓަރުން ސާބިތުކަމާއެކު ތިއްބެވުމަށާއި، ޕާޓީގެ އެއްބައިވަންތަކަން ގެއްލުވާލުމަށް ކުރެވޭ އެއްވެސް މަސައްކަތަކަށް ފުރުސަތު ނުދިނުމަށް އާދަމް ޝަރީފް ވަނީ އިލްތިމާސްކުރައްވާފައެވެ.
“އަޅުގަނޑު މިހުރީ 2028 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް މުއިއްޒަށް ކާމިޔާބީ ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ފުރިހަމައަށް ތައްޔާރަށް” އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި ފެތުރެމުންދާ ބައެއް ތުހުމަތުތަކަށް ބަލާއިރު، ރައީސް މުއިއްޒު ޕީޕީއެމްގެ ލީޑަރުންނަށް ޕްރެޝަރު ކުރައްވާ ކަމަށާއި، ޣައްސާން މައުމޫނާއި، މޫސާ ޒަމީރު އަދި އާދަމް ޝަރީފް ފަދަ ބޭފުޅުން އެކަހެރި ކުރައްވަމުން ގެންދަވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި ޕާޓީގެ ކޮންގްރެސް އަވަސް އަރުވާލައިގެން ބާއްވަނީ ޕީޕީއެމްގެ ނުފޫޒުގަދަ ބޭފުޅުންގެ ބާރު ކަނޑުވާލުމަށް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް އާދަމް ޝަރީފް ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކުރައްވައި، 2028 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނީ ރައީސް މުއިއްޒާއެކު ކަމުގެ ޔަގީންކަން ދެއްވާފައެވެ.



