ވެރިކަން ކުރާ ޕީއެންސީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށާއި، ޕާޓީ އޮތީ ވަރަށް ވަރުގަދަ އަޒުމަކާއެކު ބަދަހިކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުންގެ މެދުގައި އޮތީ ބަދަހި ގުޅުމެއް ކަމަށެވެ.
ޕީއެންސީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ޕާޓީގެ ތެރޭގައި ހައިޖާނު އުފެއްދުމަކީ އިދިކޮޅު ފަރާތްތަކުން އަބަދުވެސް އުންމީދު ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ޕީއެންސީގެ ތެރޭގައި އެފަދަ ވާހަކަތައް އަޑުއަހާނެ ބަޔަކު ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުގައި އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުންތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ފެންނަނީ އެބޭފުޅުންގެ ވެރިކަމުގައި ކަން ހިނގައިދިޔަ ގޮތް ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގެ މެދުތެރެއިން ޕާޓީ ދެބައިވެ، އާ ޕާޓީއެއް އުފެދިގެން ދިޔަ ނަމަވެސް، ޕީއެންސީގެ ލީޑަޝިޕާއި، މަޖިލިސް މެންބަރުން އަދި ސްޓިއަރިން ކޮމިޓީތައް މަސައްކަތް ކުރަނީ އެއް ރޫހެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ އަޒުމް ވަރަށް ވަރުގަދަ. އަޅުގަނޑުމެން މިތިބީ ގައުމަށް ހިދުމަތް ކުރުމަށް. ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާ އަދާކުރުމަށް އިހްލާސްތެރިކަމާއެކީގައި މަސައްކަތް ކުރުމުގައި،” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްއަކީ ވަރަށް ކާމިޔާބު ކޮންގްރެސްއަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.



