މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓެއިނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ. މި ހާދިސާގެ ރިޕޯޓު އެމްޕީއެލް އިން ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭގެ 23:10 އެހައިކަންހާއިރުއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ޖުމުލަ ފަސް ކޮންޓެއިނަރު ވަނީ ކަނޑަށް ވެއްޓިފައެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓެއިނަރު ފެނިފައިވީ ނަމަވެސް، ބާކީ ތިން ކޮންޓެއިނަރު އަދިވެސް ނުފެންނާތީ އެ ތަކެތި ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
މި ކޮންޓެއިނަރުތައް އޮޔާދާނެ ކަމަށް ބޮޑަށް ލަފާކުރެވެނީ ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މާލޭ ސަރަހައްދުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ ސަރަހައްދުން ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާ ދުވަސްވަރަކަށް ވާތީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.



