ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝްގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް ނޫމާން (31އ) އާއި ރަކީބުލް ހަސަން ޕަޕޫން (20އ) އެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، އެ ތަނުން 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަލް ނޫމާން 5 ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



