ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކަނޑައެޅިފައިވާ ސުންގަޑިތަކަށް ނިންމުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. އިއްޔެ ބޭއްވި އެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވަނީ ސަރުކާރުގެ މަސައްކަތްތައް ވިލަރެސްކުރާ “ދުވެލި” ޕޯޓަލް އާއި “ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް ” މި ހަފުތާގެ ނިޔަލަށް އަދާހަމަކޮށް، ކުރިއަށް އޮތް ތަނުގައި ވަގުތުން ވަގުތަށް މަޝްރޫޢުތަކުގެ މަޢުލޫމާތު އަދާހަމަކުރަމުން ގެންދިއުމަށެވެ.
މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި މާލީ ވުޒާރާގައި ޚާއްޞަ ޓީމެއް އެކުލަވާލުމަށާއި، ކޮންމެ ވުޒާރާއެއްގައި މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރާނެ ޚާއްޞަ ޔުނިޓެއް އުފެއްދުމަށް ވެސް ވަނީ ނިންމާފައެވެ. ވަކިން ޚާއްޞަކޮށް، ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ މަޝްރޫޢުތައް އަވަސްކުރުމަށްޓަކައި، އެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކުންފުނިތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ އިރުޝާދު ދެއްވާފައެވެ.
މީގެ އިތުރުން، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި އާރް.ޓީ.އެލް ވިއުގަ ގާއިމުކޮށް ޚިދުމަތް ފެށުމަށް ބޭނުންވާ ކަންކަން އިސްކަންދީގެން ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ދަތުރުފަތުރުގެ ލުއިފަސޭހަ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެކެވެ.
އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކެމިކަލް ގުދަންކުރުމުގެ އުސޫލުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މާލެއެކޭ އެއްފަދައިން އަތޮޅުތަކުގައި ވެސް ކެމިކަލް ގުދަން ކުރުމުގެ ހުއްދަ ދެވޭނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރު، ރައްކާތެރި ސަރަޙައްދުތަކުގައި އެފަދަ ތަންތަން ތަރައްޤީކުރުމަށް ކަމުގައި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.



