ސަރުކާރުގެ ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫއަށް ބޭނުންވާ ސާމާނުތައް އެ ކުންފުނިން ރާއްޖެ ގެނެސްފިއެވެ.
އެޗްޑީސީން މިއަދު ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން 71 ރަށެއްގައި ގާއިމްކުރާ ޖިމްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ލިބިފައެވެ. އަދި މިހާރު ކުރިއަށްދަނީ އެ ތަކެތި ރަށްރަށަށް ފޮނުވުމާއި ބެހުމުގެ މަސައްކަތްތައް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ޖިމްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ށ. މާއުނގޫދޫ، ރ. ދުވާފަރު، ބ. ދަރަވަންދޫ، އދ. މާމިގިލި، ދ. ކުޑަހުވަދޫ އަދި ގއ. ވިލިގިލި ހިމެނެއެވެ. މީގެ އިތުރުން ހދ. ހަނިމާދޫ، އއ. ފެރިދޫ އަދި ތ. ވަންދޫ ފަދަ ގިނަ ރަށްތަކެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން އިތުރަށް ބުނެފައިވާ ގޮތުގައި، ބައެއް ރަށްރަށުގެ ޖިމްތަކުގެ ކުރެހުންތައް މިހާރު ވަނީ ފާސްކޮށް ނިމިފައެވެ. އަދި އެ ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މި މަޝްރޫއަކީ ރަށްރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.



