ހުޅުމާލޭގެ 110 ވަނަ ފްލެޓުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެދޮރު ގެއްލުނު އަށް މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
ފުލުހުންނާ ހަވާލާދީ އެންޑީއެމްއޭއިން ބުނި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެޕާޓްމަންޓުގެ ސިޓިން ރޫމުގައި އޮތް “ޓޫލް މެލްޓިން ޑިވައިސް” އެއްގައި ރޯވުމުގެ ސަބަބުންނެވެ. މި ހާދިސާގައި އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބި، އިތުރަށް ދިރިނޫޅެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
މި ހާދިސާ ހިނގިއިރު އެ ގޭގައި ހަތް ދިވެހިން ދިރިއުޅެމުން ދިޔައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުޑަކުދިންނާއި، އަންހެނަކާއި ހަތަރު ފިރިހެނުން ހިމެނެއެވެ. މި އެންމެންގެ ތެރެއިން ފަސް މީހަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއެވެ.
އަލިފާން ރޯވި އެޕާޓްމަންޓުގެ އިތުރުން، އެ އިމާރާތުގެ އެހެން ފަންގިފިލާތަކުގެ ދެ އެޕާޓްމަންޓަކަށް ވެސް ވަނީ ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. އެންޑީއެމްއޭއިން ވިދާޅުވީ، 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ އެޕާޓްމަންޓުތަކުގައި ދިރިއުޅޭ އަށް ދިވެހިންނަށް ވެސް ރޭ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ހަ ބޮޑު މީހުންނާއި ދެ ކުޑަކުދިންނެވެ.
އެންޑީއެމްއޭއިން މިހާރު ދަނީ ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.



