ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ކުނި ނަގައި އުކާލުމުގެ މަސައްކަތުގައި އަމިއްލައަށް ހަރަކާތްތެރިވަމުން ދިޔަ ބަންގްލަދޭޝްގެ ދެ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ 2026 ޖުލައި 6 ވަނަ ދުވަހުގެ ހެނދުނު 8:45 އެހައިކަންހާއިރުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 39 އަހަރުގެ އެމްޑީ މޮނިރް އާއި 43 އަހަރުގެ އެމްޑީ ހަބީބު އުލާހް އެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕަކާ އެކުގައެވެ.
މި ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ވިސާ އޮތް ނަމަވެސް، އެ މީހުންނަށް ދޫކޮށްފައިވާ ހުއްދައާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބައެކެވެ. އެގޮތުން އެމްޑީ މޮނިރް އަކީ “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި މަސައްކަތް ކުރަން ހުއްދަ އޮތް މީހެކެވެ. އަދި އެމްޑީ ހަބީބު އުލާހް އަކީ “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަން ހުއްދަ އޮތް މީހެކެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ދެ މީހުންނަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނުގެ އިތުރުން އިމިގްރޭޝަން ގާނޫނާއި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް އަމިއްލައަށް ކުނި އުކާލުމުގެ މަސައްކަތް ކުރަމުން ދިޔަ ބައެކެވެ. މި މައްސަލައިގައި އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި އެ މީހުން މިހާރު ވަނީ ކަމާބެހޭ އިދާރާތަކާ ހަވާލުކޮށްފައެވެ.



