މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 12 ވާ އާދީއްތަ ދުވަހު ހުޅުވައިލުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުޞަތު އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް އޮންނާނެއެވެ.
މިއަހަރުވެސް މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ގިންތިއަކުންނެވެ. އިނާމަށް ނަން ހުށަހެޅުމުގެ ހުރިހާ މަރުޙަލާއެއް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޯޓަލް http://apply.presidency.gov.mv މެދުވެރިކޮށް ކަމަށް އެ އޮފީހުން މަޢުލޫމާތު ދެއްވައެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށް ކޮމިޓީން ވަނީ އިރުޝާދު ދީފައެވެ. ވަކިން ޚާއްޞަކޮށް، ހުށަހަޅާ ލިޔުންތަކުގެ ދެފުށުގައި މަޢުލޫމާތު ހިމެނޭނަމަ، ދެފުށުގައިވެސް އަޞްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މި އިނާމަކީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ޝަރަފުވެރި އިނާމެކެވެ.



