ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާ ދަށަށް ވެއްޓި، ގައުމު ދަރުވާލުމުގެ މޭސްތިރިއަކީ ނިމިދިޔަ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރު ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު މިހެން ވިދާޅުވީ، މި ސަރުކާރުން ބޭކާރު ހަރަދު ކުރާތީ ޑޮލަރުގެ ތާށިކަން ކުރިމަތިވާ ކަމަށް ބުނެ އަމީރު ދާދި ފަހުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ވަޒީރު ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާ ހިސާބަށް ވައްޓާލުމުގެ “ޓޯޓަލް ޑިޒައިންގެ މޭސްތިރިއަކީ” އަމީރު ކަމަށާއި، އެހެންކަމުން އެފަދަ ވާހަކަތައް ދެއްކެވުމަށް އަމީރަކީ އެންމެ އެކަށީގެންވާ ބޭފުޅާ ނޫން ކަމަށެވެ. އަދި ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަމީރު ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވެސް އަމީރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައިވާކަން ސައީދު ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ސައީދު އިތުރަށް ވިދާޅުވީ، އޭރުގެ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕްކުރުމުގެ ސަބަބުން ދިވެހި ރުފިޔާ ނިކަމެތިވެފައިވާ ކަމަށް އޭރުގެ މަޖިލިސް މެންބަރުން ވެސް ވިދާޅުވި ކަމަށެވެ. އަދި ފައިސާ ޗާޕްކުރާ ސަބަބާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގައި ސުވާލުކުރުމުން އޭރުގެ މާލީ ވަޒީރު އަމީރާއި ގަވަރުނަރު އަލީ ހާޝިމް އެކަށީގެންވާ ޖަވާބެއް ނުދެއްވައި ހަނު ހުންނެވި ކަމަށް ވެސް ސައީދު ތުހުމަތު ކުރެއްވިއެވެ.
ސައީދު ވިދާޅުވީ އިދިކޮޅު ސިޔާސީ ބޭފުޅުން މައްސަލަތަކުގެ ވާހަކަ ދެއްކެވި ނަމަވެސް، އެކަންކަން ހައްލުކުރާނެ ގޮތެއް ވިދާޅުނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރުވެސް އިގްތިސާދީ މައްސަލަތަކަށް ގިނަ ހައްލުތަކެއް ގެނެސްދެމުންދާ ކަމަށާއި، އިތުރު ހައްލުތައް ހޯދުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.



