ބިންވެރިޔާ ސްކީމްގެ ދަށުންގެ ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ބިން ހަވާލު ކުރިކަމުގެ ލިިޔުން އޮންލައިންކޮށް ދޫކުރަން ފަށާފައިވާ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރުމުގެ ލިޔުން ދޫކުރުމާއި ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީ އިން ބުނީ ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެން ލިޔުން ހޯދޭނެ ކަމަށެެވެ.
މިގޮތުން، ގޯތި ހަވާލުކުރިކަމުގެ ލިޔުން ހޯދުމަށް، ޕޯޓަލްއަށް ވަދެ، ‘ހިޔާވަހި ޕޯޓަލް’ އަށް އީފާސް މެދުވެރިކޮށް ލޮގިން ކުރަން ޖެހޭނެއެވެ. އަދި ގޯތި ހަވާލުކުރުމުގެ ބަޔަށް ގޮސް، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތެއްނަމަ، އެ ފަރާތަކަށް ލިބިފައިވާ ގޯތީގެ ތަފްސީލު ފެންނަން ހުންނާނެއެވެ. އަދި ‘ގޯތި ހަވާލުކުރިކަމުގެ ލިޔުން’ މި ބައިން ޑައުންލޯޑް ކުރެވޭނެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ހަވާލުކުރި ލިޔުމުގައި ގޯތީގެ ލޮކޭޝަން ބެއްލެވުމަށް ކިއުއާރް ކޯޑަކާއި ލިންކެއް ހިމެނިފައިވާނެ ކަމަށެވެ. މި ކޯޑު ސްކޭން ކޮށްލުމުން ނުވަތަ ލިންކަށް ފިއްތާލުމުން ގޯތި އޮތް ތަން މެޕުން ފެންނާނެއެވެ.
ފާހަގަކޮށްލަންޖެހޭ މުހިންމު ބަދަލަކީ، މީގެ ކުރިން ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރަނީ ގުޅިފަޅަށް ގޮސްގެން ކަމަށްވީ ނަމަވެސް، މިހާރު އެ ސަރަހައްދަށް ވަޑައިނުގެން ޕޯޓަލް މެދުވެރިކޮށް މި ލިޔުން ހޯދޭނެއެވެ. މި ޕޯޓަލް މެދުވެރިކޮށް، ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެފަރާތެއްގެ ގޯތި އޮތް ސަރަހައްދާއި، ގޯތީގެ މިހާރުގެ ހާލަތު (ސްޓޭޓަސް) ބަލައިލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.



