ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ތައާރަފުކުރި ފަހުން މިހާތަނަށް 3،800 އަށްވުރެ ގިނަ ފަރާތުން އެ ހިދުމަތާ ގުޅި، ގިނަ އަދަދެއްގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މިއީ ރާއްޖެއަށް ކުރިން ނުގެނެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބި ހިދުމަތެއް ނަމަވެސް، ސަރުކާރުގެ ހާއްސަ އިސްނެގުމާއެކު މިހާރު މިވަނީ ކާމިޔާބުކަމާއެކު ފެށިފައި ކަމަށެވެ.
ވަޒީރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕޭޕަލް ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތައް ރާއްޖެއަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަފާތު އެޕްރޯޗެއްގެ ނަތީޖާއެވެ. މިގޮތުން އައްޑޫގައި ގާއިމުކުރާ ގޫގުލްގެ އިންވެސްޓްމަންޓަކީ ވެސް ރައީސް އަމިއްލަފުޅަށް އެ ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވައި ކުރެއްވި މަސައްކަތުގެ ތެރެއިން ލިބުނު ފުރުސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޖޫން 15 ގައި ފެށި ޕޭޕަލްގެ ހިދުމަތަކީ ސަރުކާރާއި، ޕޭޕަލް އަދި އޫރީދޫ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު އާ އުސްމިންތަކަކަށް ދަތުރުކޮށް، ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތްކުރާ ދިވެހި ފަންނުވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މިއީ ޒަމާނީ ފައިސާގެ މުއާމަލާތްތަކަށް މަގުފަހިކުރުމަށް ސަރުކާރުން ހާސިލުކުރި މުހިންމު ލަނޑުދަނޑިއެކެވެ.
ދިވެހި ފަންނުވެރިން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓީވް އިކޮނޮމީގެ ޒަރިއްޔާއިން ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ. ޕޭޕަލްގެ ހިދުމަތާއެކު ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ދުނިޔޭގެ މާލީ މަންސަތަކުގައި ދިވެހިންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.



