ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހުޅުމާލޭގެ ހިޔާ ސަރަހައްދުގައި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ހާއްސަ ގަސްތަކެއް އިންދައިފިއެވެ. މި ހަރަކާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އިތުރުން ދިވެހި ބޭސްވެރިންގެ ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އިނީޝިއޭޓިވްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތިމާވެށި ފެހިކުރުމުގެ އިތުރުން، ދިވެހިންގެ ސަގާފީ އަދި އަމިއްލަވަންތަ ބޭސްވެރިކަމުގައި ބޭނުންކުރާ ގަސްގަހާގެހި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމެވެ. މިގޮތުން އިންދާފައިވާ ގަސްތަކުގެ ސަބަބުން ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ބައެއް ބާވަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
އެޗްޑީސީން ބުނެފައިވަނީ މި ހަރަކާތަކީ އެ ކޯޕަރޭޝަނަށް 25 އަހަރު ފުރުމާ ގުޅިގެންނާއި، ހުޅުމާލެއަކީ ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މިފަދަ ގަސްތައް އިންދުމުގެ ސަބަބުން ތިމާވެށީގެ ނިޒާމަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފައްޓަވާފައިވާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.



