ދިވެހި ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިއްހަތާއި، އާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، މައުލޫމާތު ރައްކާތެރިކުރާނެ ޑިޖިޓަލް ނިޒާމެއް ކަމަށްވާ “އިތާ” ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަޒީރު ގީލާ އަލީއެވެ.
ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ތައާރަފުކުރި މި ޕޯޓަލްގެ މައިގަނޑު މަގްސަދަކީ އިޖުތިމާއީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމެވެ. މީގެ ތެރޭގައި މައްސަލަ ބަލައިގަތުމުން ފެށިގެން، މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން ހިމެނޭއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ “މޯލްޑިވްސް 2.0” މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ޕޯޓަލްގެ ސަބަބުން މަސައްކަތުގެ ދުވެލި ހަލުވިވެ، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) މެދުވެރިކޮށް މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެ، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މައުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، މި ނިޒާމުގެ ސަބަބުން ވުޒާރާއިން ކުރިއަށްގެންދާ “ހާލު ކިހިނެއް” ޕްރޮގްރާމާއި، އެހެން އިދާރާތަކާ ގުޅިގެން ހިންގާ “އިބަމަ” ޕްރޮގްރާމުގެ މަސައްކަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ހިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް ވަޒީރު ގީލާ އަލީ ވިދާޅުވިއެވެ.



