ރާއްޖޭގެ 13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ހުޅުވާލައިފިއެވެ. ގްރޭޓަރ މާލެ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަން ފުޅާކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން، %100 ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ ފުރުޞަތެކެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން “ބިލްޑް-އެންޑް-ސެލް” މޮޑެލްގެ ދަށުންނެވެ. މިގޮތުން ޑިވެލޮޕަރުން މަޝްރޫޢަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭއިރު، ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭނެއެވެ. ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ މި މަޝްރޫޢުގައި ހިމެނެނީ މަދުވެގެން 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މީގެ ތެރެއިން %60 ޔުނިޓް ވިއްކަންޖެހޭނީ 1.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑުނުވާނެހެން ސޯޝަލް ހައުސިންގްގެ ގޮތުގައެވެ.
މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، ޅ. ނައިފަރު، މ. މުލި، ދ. މީދޫ، ލ. ގަން އަދި ތިނަދޫ ސިޓީއާއި ފުވައްމުލައް ސިޓީ ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގައި ވެސް މި ޔުނިޓްތައް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. ޑިވެލޮޕަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން މަޝްރޫޢަށް ބޭނުންވާ ތަކެތި އިމްޕޯޓްކުރުމުގައި ޑިއުޓީ އިސްތިސްނާކުރުމާއި، ޔުނިޓްތައް ވިއްކުމުގައި ޖީ.އެސް.ޓީއިން އިސްތިސްނާވުން ފަދަ އިނާޔަތްތައް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
މި މަޝްރޫޢަށް ޝައުގުވެރިވާ ފަރާތްތަކުން ސާފުކުރަން ބޭނުންވާ ކަންކަން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭއިރު، ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯޒަލްތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި، ރޭވުންތެރިކަމާއެކު ރަށްތައް ތަރައްގީކޮށް ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ “ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ މުހިންމު ބައެކެވެ.



