ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ތ. ތިމަރަފުށީގައި އަލަށް ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ދަނޑަކީ އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތިމަރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ބިންގާ އަޅުއްވައިދެއްވި މަޝްރޫޢެކެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ ނުވަ މަސް ދުވަހުގެ ތެރޭގައެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ޒުވާނުން ކުރިއަށްދާން ހުރި ހުރަސްތައް ނައްތާލައި، ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. ޒުވާނުން ކުރިއަށްދާން ފުރުސަތު ބަންދުވެފައި އޮތް ކޮންމެ ދޮރެއް ހުޅުވައިދީ މަގުތައް ދައްކައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާ ކަންކަން އެ ރަށަކަށް ކޮށްދިނުމަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި ތިމަރަފުށީގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި އައު ދަނޑާއެކު ތިމަރަފުށީގެ ކުޅިވަރުގެ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.



