މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ގދ. ގައްދޫ، ކޯޒީރައުންޑް، ފާތިމަތު އަމީޒާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ. އަމީޒާ މި މަގާމަށް އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި މަގާމަށް އަމީޒާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މީގެ ކުރިން ރުހުން ދީފައެވެ.
ފާތިމަތު އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ ކުރިން މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ އަމީޒާ ވަނީ، ޓެކްސްގެ ސިޔާސަތުތައް އިސްލާހުކުރުމާއި، މުއައްސަސާ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާއިން މާސްޓާ އޮފް ސައިންސް އިން އެކައުންޓިން ހާސިލުކުރައްވާފައެވެ. އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ފުރިހަމަކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.



