ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ ތެރެއިން ޓަވަރެއްގެ އެޕާޓްމަންޓެއްގައި މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ ފަސް ދިވެއްސަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހިޔާ 8 ވަނަ ޓަވަރުގެ 19 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ބަދިގޭގައެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:27 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އެޕާޓްމަންޓްގެ ބަދިގޭގައި ރޯވި އަލިފާންގަނޑު ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާނުގެ ހާދިސާގެ ސަބަބުން އެޕާޓްމަންޓްގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމާ ގުޅިގެން އެތަން މިވަގުތު ދިރިއުޅެން އެކަށީގެންނުވާ ކަމަށެވެ. އެހެންކަމުން އެތަން ސާފުކޮށް ނިމެންދެން، އެ ގޭގައި ދިރިއުޅޭ ފަސް މީހުންނަށް ކުރިއަށް އޮތް ތިން ދުވަހަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް އެ އޮތޯރިޓީން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އަލިފާނުގެ ސަބަބުން އެޕާޓްމަންޓްގެ ބަދިގެއަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.



