ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި އެ ވުޒާރާގެ ރަސްމީ ކޯލް ސެންޓަރު މިއަދު އިފުތިތާހުކޮށްފިއެވެ. މި ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ސެންޓަރުގެ މައިގަނޑު ބޭނުމަކީ ވުޒާރާގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު އަވަސްކަމާއެކު އާންމުންނަށް ފޯރުކޮށްދީ، މުއާމަލާތް ކުރުމުގައި ހުރި ދަތިތައް ހައްލުކުރުމެވެ.
މި ކޯލް ސެންޓަރުގެ ހިދުމަތް ހޯދުމަށް ގުޅާނީ 3347300 ނަންބަރަށެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން މެންދުރުފަހު 14:00 އާ ހަމައަށް މި ނަންބަރު މެދުވެރިކޮށް މުވައްޒަފުންގެ އެހީތެރިކަން ލިބޭނެއެވެ. މީގެ އިތުރުން، ރަސްމީ ގަޑީގެ ބޭރުންނާއި ބަންދު ދުވަސްތަކުގައި ވެސް މި ނަންބަރު މެދުވެރިކޮށް ހިދުމަތަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއްގެ އެހީގައި ފަރުމާކޮށްފައިވާ މި ސެންޓަރުގެ ސަބަބުން، ކޮންމެ ކޯލެއްގެ ތަފުސީލު ލޮގްކުރެވި ރެކޯޑުތައް ބެލެހެއްޓޭނެއެވެ. މީގެ ސަބަބުން ވުޒާރާގެ ވަކިވަކި ޑިޕާޓްމަންޓްތަކަށް ސީދާ ގުޅައި، ބޭނުންވާ މައުލޫމާތު ސާފުކުރުމުގައި ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ސަރުކާރުގެ މުއައްސަސާތަކުންދޭ ހިދުމަތްތަކަކީ ރައްޔިތުންނާ ގާތުން ދެވޭ، ހަރުދަނާ ހިދުމަތްތަކަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމްކުރި މި ކޯލް ސެންޓަރަކީ ވުޒާރާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ފަދަ ނިޒާމެއްގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި ވުޒާރާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.



