ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,173,922 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ 4.7 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1,231,844 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އުޅެނީ ޗައިނާއެވެ. އެ ގައުމުން މިހާތަނަށް 195,363 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 167,317 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 92,727 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަތުރުވެރިން ރާއްޖެއަށް އެތެރެވި ގޮތަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (VIA) މެދުވެރިކޮށެވެ. ވީއައިއޭ މެދުވެރިކޮށް 1,144,392 ފަތުރުވެރިން އައިސްފައިވާއިރު، ގަން އެއާޕޯޓުން 4,355 ފަތުރުވެރިން އަދި ކަނޑު މަގުން (ސީޕޯޓް) 15,577 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ.
ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި، ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން 834,816 ފަތުރުވެރިން ރިސޯޓުތަކަށް ގޮސްފައިވާއިރު، 262,171 ފަތުރުވެރިން ގެސްޓްހައުސްތަކުގައި އަދި 27,523 ފަތުރުވެރިން ހޮޓެލްތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.



