ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، މ. ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް އަމްޖަދު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އަމްޖަދު މުސްތަފާއަށް މަގާމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ހަމީދެވެ. ހުވައި ކުރެއްވުމަށްފަހު، މަގާމުގެ އައްޔަންކުރެއްވިކަމުގެ ލިޔުން އޭނާއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒެވެ.
އަލްއުސްތާޛު އަމްޖަދު މުސްތަފާއަކީ ތައުލީމީ ގޮތުން ޝަރީއާއިން ލޯ އިން ބެޗްލާސް ޑިގްރީއާއި، މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ގާނޫނީ ދާއިރާއާއި އާންމު ހިންގުމުގެ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިންވެސް އަމްޖަދު ވަނީ މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން 2020 ވަނަ އަހަރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައިވާއިރު، އޭނާއަކީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.



