އިންޑިއާއިން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ދެ މީހެއްގެ ލަގެޖުން 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 5.5 ކިލޯ ހުއްޓެވެ. މި ތަކެތި ފެނިފައިވަނީ އެ ދެ މީހުންގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ފަހަކަށް އައިސް އިންޑިއާއިން ރާއްޖެ އަންނަ މީހުންގެ އަތުން މަސްތުވާތަކެތި ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ޓެނިސް ބޫޓުގެ ފުލުގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައަކާއި، މިދިޔަ މަހު ބެންގަލޫރުން އައި ބައެއްގެ ލަގެޖުގައި އިތުރު ފޫތަކެއް އަޅައިގެން 8.3 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ވެސް ފުލުހުންނާއި ކަސްޓަމްސްއިން ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަތަކާ ގުޅިގެން އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ހާއްސަ އެޑްވައިޒަރީއެއް ވެސް ނެރެފައެވެ.
ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މިދިޔަ މާރިޗް މަހު ގެނައި އިސްލާހާއެކު، ވަކި މިންވަރަކަށް ވުރެ ގިނައިން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މިހާރު މަރުގެ އަދަބު ކަނޑައެޅިދާނެއެވެ. މި އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ މެދުގައި އިއްތިފާގު ނުވެއްޖެ ނަމަ، އެފަދަ ކުށްވެރިންނަށް އިއްވޭނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100,000 ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެކެވެ.
ގަން އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ދެ މީހުންގެ ތަހުގީގު މިހާރު ކުރިއަށްދާއިރު، މިއީ އަތޮޅުތެރޭގެ އެއާޕޯޓަކުން މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އެއް ފަހަރެވެ.



