ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖެމެއިކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 53 އަހަރުގެ އެންޑްރޫ ލޮއިޑް ކޯބިންއާއި، ނ. ޅޮއްސަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ އިބްރާހީމް އަތޫފްގެ އިތުރުން ދިވެހި ފިރިހެނެކެވެ.
މި މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކުރީ މި މަހުގެ 19 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައިއިރު އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އޭނާއާއެކު ދެން ތިބި ދެ މީހުން ހައްޔަރުކޮށްފައިވަނީ، އެންޑްރޫއާ ބައިވެރިވެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭތީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެންޑްރޫ ލޮއިޑް ކޯބިންއާއި އިބްރާހީމް އަތޫފް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް، މި މައްސަލައިގައި ހިމެނޭ ތިންވަނަ މީހާ ކޯޓުން ވަނީ ބައެއް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ކިލޯއަކަށްވުރެ ގިނަ ހުރި ކަމަށް ލަފާކުރެވެއެވެ. މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



