މި ހިނގާ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް 5،565 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ދަތުރުކުރި ނަމަވެސް، އެއާޕޯޓުގެ އޮޕަރޭޝަންތައް ރަނގަޅަށް ރޭވިފައި އޮތުމުން އުމްރާވެރިންގެ ދަތުރުތައް ކުރިއަށްދިޔައީ ވަރަށް އޮމާންކޮށް، އާންމު އޮޕަރޭޝަނަށް ބުރޫނާރާ ގޮތަށެވެ.
އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އުމްރާއަށް ފުރި މީހުންގެ އަދަދު ވަނީ ކުރިން ލަފާކުރި އަދަދަށް ވުރެ އިތުރުވެފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ 30 ގްރޫޕެއްގެ ހަވާލުގައި 4،000 އެއްހާ މީހުން ފުރާފައިވާ ކަމަށެވެ. ނަމަވެސް އެއާޕޯޓުގެ ހިސާބުތަކުން ފެންނަނީ އެ އަދަދު 5،000 އިން މައްޗަށް ގޮސްފައިވާ ތަނެވެ. މިނިސްޓަރު ވަނީ އުމްރާއަށް ދިޔަ ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ދުވަސްވަރަކީ ސްކޫލު ބަންދާއި މިނިވަން ދުވަހުގެ ބަންދާ ދިމާވާ ދުވަސްވަރަކަށް ވާތީ، ގިނަ އަދަދެއްގެ އާއިލާތަކުން ވަނީ އުމްރާއަށް ދިއުމަށް މި ފުރުސަތުގެ ބޭނުން ހިފާފައެވެ. މިފަދަ ބޮޑެތި ބަންދުތަކާ ދިމާކޮށް އުމްރާއަށް ދިއުމަކީ ފަހަކަށް އައިސް ދިވެހިންގެ މެދުގައި ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމެކެވެ.
މާލޭގެ އިތުރުން މިފަހަރު އަމިއްލަ ޖަމާއަތަކުން ވަނީ އައްޑޫ ސިޓީން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާވެރިން ގެންގޮސްފައެވެ.



