ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުންކުރާ ފަރާތްތަކަށް ދޭ ހިދުމަތްތައް ރަނގަޅުކޮށް، ފަސިންޖަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އާ ޕަސެންޖަރު ވެއިޓިން އޭރިއާއެއް ހުޅުވައިފިއެވެ.
ޓާމިނަލް 1 ގެ ފުރަތަމަ ބުރީގައި ގާއިމުކޮށްފައިވާ މި އާ ސަރަހައްދަކީ ގާތްގަނޑަކަށް 750 އަކަމީޓަރުގެ ޖާގައެކެވެ. މި ތަނުގައި ފަސިންޖަރުން ފުރުމުގެ ކުރިން މަޑުކޮށްލައިގެން ތިބުމަށް ތަފާތު ވައްތަރުގެ އަރާމު ގޮނޑިތައް ވަނީ ބަހައްޓާފައެވެ.
މީގެ އިތުރުން، އާއިލާތަކާއެކު ދަތުރުކުރާ ކުޑަކުދިންނަށް ހާއްސަކޮށްގެން 136 އަކަމީޓަރުގެ ކުޅޭ ސަރަހައްދެއް ވެސް ވަނީ ހުޅުވާފައެވެ. މި ސަރަހައްދުގައި ކުދިންނަށް އަރާ ފޭބޭނެ އޮނިގަނޑުތަކާއި، ޓަނަލްތަކާއި، ޕްލޭ ޕްލެޓްފޯމްތަކުގެ އިތުރުން ބޯޅަ ވަޅެއް ވެސް ހިމެނެއެވެ. މިއީ ދަތުރުވެރިން ފްލައިޓަށް މަޑުކުރާ ވަގުތު ކުޑަކުދިންނަށް ރައްކާތެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
އާ ހިދުމަތްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ސާވިސް ކައުންޓަރެއް ވެސް މިހާރު ވަނީ ޓާމިނަލްގައި ހުޅުވާފައެވެ. މި ކައުންޓަރު މެދުވެރިކޮށް ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތާއި، ދިވެހިންނަށް ޑޮލަރު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި މި އާ ވަސީލަތްތަކަކީ އެއާޕޯޓުން ދޭ ހިދުމަތްތައް ޒަމާނީކޮށް، ފަސިންޖަރުންނަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ވީއައިއޭގެ އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމުގެ ގާބިލުކަން ލިބިގެންވާ ތަނެކެވެ.



