ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން މުއްދަތު ހަމަވިއިރު ނުދައްކައި ހުރި ފައިސާގެ ޖުމްލަ އަދަދު 14.4 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން އާންމުކުރި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ރިޕޯޓުގައިވާ ގޮތުން، ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 8.1 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު، މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ނުލިބި ހުރި 7.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 317.69 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ޓެކުހުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ނުލިބިވަނީ ޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ، އިންކަމް ޓެކުހުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ، އަދި ޓީޖީއެސްޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ލިބިފައެއް ނުވެއެވެ. މީގެ އިތުރުން އެހެނިހެން ޓެކުސްތަކުގެ ގޮތުގައި 697.65 މިލިއަން ރުފިޔާ ނުލިބި ހުރިކަން މީރާގެ ހިސާބުތަކުން ދައްކައެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބެންޖެހޭ އާމްދަނީގެ ތެރެއިން 6.3 ބިލިއަން ރުފިޔާ ނުލިބި ހުރިއިރު، މީގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއްވަނީ ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުއްޔެވެ. އެގޮތުން ރިސޯޓު ކުލީގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ނުލިބި ހުރިކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު، ދައުލަތުގެ ވިޔަފާރި ކުންފުނިތައް ނުވަތަ އެސްއޯއީތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން 3.51 ބިލިއަން ރުފިޔާ ނުދައްކައި ހުރިއިރު، މިއީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި އަދަދަށްވުރެ 1.12 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތަންފީޒީ ފިޔަވަޅުތައް އަޅައިގެން މި އަހަރުގެ ފުރަތަމަ ކުއާޓާގައި 2.09 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ހޯދާފައެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުވަމުންދާ މި ދަނޑިވަޅުގައި، ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް މީރާއިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.



