މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހާރިސް މުހައްމަދު އައްޔަންކުރައްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ހާރިސް އެ މަގާމަށް އައްޔަންކުރެއްވިކަން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
ހާރިސް މި މަގާމަށް އައްޔަންކުރައްވާފައިވަނީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނިޔާޒް އެ މަގާމުން ވަކިކުރުމާ ގުޅިގެން ހުސްވި މަގާމަށެވެ. ނަމަވެސް، ނިޔާޒް މަގާމުން ވަކިކުރި ސަބަބާ ގުޅޭ އެއްވެސް ތަފްސީލެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
އެމްޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދަކީ ފަތުރުވެރިކަމާއި، އޭވިއޭޝަން، މާކެޓިން، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ހާރިސް ވަނީ މީގެ ކުރިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ފުރުއްވާފައެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، ހާރިސް ވަނީ އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފައެވެ. މީގެ އިތުރުން އޭނާއަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް މާކެޓިން އަދި ޗާޓަރޑް މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ފެލޯއެއްވެސް މެއެވެ.



