ސަރުކާރުގެ ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް އެއް އަހަރާއި ބައިގެ ތެރޭގައި ރާއްޖެއަށް ސްމާޓް އައިޑެންޓިޓީ ކާޑު ތައާރަފުކުރުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއަކީ ޑިޖިޓަލް އިގްތިސާދެއް ބިނާކޮށް ދައުލަތުގެ ޚިދުމަތްތައް ޒަމާނީ ކުރުމަށް އެކުލަވާލާފައިވާ “މޯލްޑިވްސް 2.0” ތަސައްވުރުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެއް ކަމަށެވެ.
ރައީސް މުއިއްޒު ތަފްސީލު ދެއްވި ގޮތުގައި، އަލަށް ތައާރަފުކުރާ ސްމާޓް އައިޑީ ކާޑުގައި ބަޔޯމެޓްރިކް ޑޭޓާ އާއި ޑިޖިޓަލް ޗިޕް ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭނެއެވެ. މި ކާޑުގެ އެހީގައި އެކި މުއައްސަސާތަކުން ދޭ ޚިދުމަތްތައް ހޯދުމާއި، އެއް ޕްލެޓްފޯމެއް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެއެވެ.
މި މަޝްރޫއަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި މިހާރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ނިޒާމު ފުރިހަމައަށް ހިންގުމަށްޓަކައި ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ކުންފުނިތަކުގެ އިތުރުން ބޭންކުތައް ވެސް މި ސިސްޓަމާ ގުޅާލަން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޚިދުމަތްތަކުގެ ހަލުވިމިން އިތުރުކުރުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ އިތުރުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ސަރުކާރުގެ ޚިދުމަތްތައް ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



