މަދިރިން ރައްކާތެރިވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ “#މަދިރިންރައްކާ” ކެމްޕޭނުގެ ދަށުން ބޭއްވި ފުރަތަމަ ކޮމިއުނިޓީ ސާފުކުރުމުގެ ހަރަކާތް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ފްލެޓް 155 އިން 163 އާ ދެމެދުގައިވާ ސަރަހައްދު ވަނީ ބަލައި ފާސްކޮށް ސާފުކޮށްފައެވެ. މި ސަރަހައްދުން މަދިރި އާލާވާ ގޮތަށް ހުރި ގިނަ ތަންތަން ފާހަގަކޮށް، އެތަންތަން ވަނީ ނައްތާލާފައެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން އެކަނިވެސް މަދިރި އާލާވާ ގޮތަށް ހުރި 300 އަށްވުރެ ގިނަ ތަންތަން ވަނީ ފެނިފައެވެ. އަދި އެ ހުރިހާ ތަނެއް މިހާރު ވަނީ ނައްތާލާފައެވެ.
މި ކެމްޕޭނަކީ ހުޅުމާލޭގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، އާންމުން ދިރިއުޅޭ މާހައުލަކީ ސިއްހީ ގޮތުން ރައްކާތެރި ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ހަރަކާތުގައި މުޖުތަމައުގެ ގިނަ ބައެއްގެ އެއްބާރުލުން ލިބިފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ.



