އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހިތާނު ކުރުމުގެ ހިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި 15 ޖޫންވާ ބުދަ ދުވަހުން ފެށިގެން 26 ޖޫންވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހިތާނު ކުރުމަށް ނަން ނޯޓު ކުރުމުގެ ފުރުސަތު އައިޖީއެމް ހޮސްޕިޓަލުން ހުޅުވާލައިފިއެވެ.
އެ ހޮސްޕިޓަލުން ބުނީ ނަންނޯޓު ކުރުން ކުރިއަށްދާނީ އޯޕީޑީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9 އަކުން ހަވީރު 4 އަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 3 ވަނަ ފަންގިފިލާގެ ސާރޖަރީ ކައުންޓަރުން ކަމަށެވެ.
އަދި އެ ހޮސްޕިޓަލުން މިއަހަރު ހިތާނު ކުރުމަށް ހަމަޖެހިފައިވާ ކުދިންގެ އަދަދަކީ 300 ކަމަށްވާތީ މި އަދަދު ހަމަވުމުން ނަންނޯޓު ކުރުން ހުއްޓާލާނެ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. ހިތާނުން ކުރުން ކުރިއަށްދާނީ 2 ޖުލައިން ފެށިގެން 31 ޖުލައި ގެ ނިޔަލަށް ކަމަށާއި އެޕޮއިންޓްމަންޓް ހަމަޖެހިގެންދާނީ ނަންނޯޓުކުރާ ތަރުތީބުން ކަމަށްވެސް އައިޖީއެމްއެޗުން ހާމަކުރެއެވެ.