މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނާނެ އެންމެ ދަށް އަގަކީ ކިލޯއަކަށް 20 ރުފިޔާ ކަމުގައި ސަރުކާރުން ކަނޑައަޅައި މަސްވެރިންނަށް ޔަގީންކަން ދީފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މި ނިންމުމަކީ މަސްވެރިންނަށް ހަމައަގު ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ނިންމި ނިންމުމެކެވެ.
ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، އިއްޔެ މިފްކޯއިން މަސް ގަނެފައިވަނީ ކިލޯއަކަށް 21 ރުފިޔާގެ މަގުންނެވެ. އަދި ބައިނަލްއަޤްވާމީ ބާޒާރުގެ އަގުތަކަށާއި އެކްސްޕޯޓް ކުރުމުގެ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު އެއްފަހަރު މަހުގެ އަގުތައް މުރާޖަޢާ ކުރަމުން ގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މީގެކުރިން ސަރުކާރުން މަސް ގަންނަ އަގު 25 ރުފިޔާއިން 16 ރުފިޔާއަށް ކުޑަކުރި ނަމަވެސް، މިހާރު އެންމެ ދަށް އަގަކީ 20 ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން، ކަނޑައެޅިފައިވާ ޔަގީން އަގުގައި މަސްވެރިންގެ އަތުން މަސް ގަތުމުގެ ޤާބިލުކަން ދެމެހެއްޓުމަށްޓަކައި، މިފްކޯގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، މިފްކޯގެ ފެސިލިޓީތަކުން މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ އެސްޓީއޯއާ ހަވާލުކޮށްފައެވެ.



