ބުޅަލަށް ޚާއްސަ ރަށެއް (ކެޓް އައިލެންޑް) ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ސަރުކާރުން ދިރާސާކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ބުޅަލަށް ޚާއްސަ ވަކި ރަށެއް ތަރައްޤީކުރުމަކީ ބޮޑު އިންވެސްޓްމަންޓެއް ބޭނުންވާ ކަމެއް ކަމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ ގްރޫޕެއް ހިމެނޭހެން އެކި ފަރާތްތަކުން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އެ ޕްރޮޕޯސަލްތައް މިހާރު އިވެލުއޭޓް ކުރަމުންދާ ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ގެންގުޅޭ ޖަނަވާރުންގެ މުޖުތަމަޢަށް ފައިދާކޮށް، ބައިނަލްއަޤްވާމީ ސަމާލުކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި ހުންނަ “އޮޅުހިޔާ” ކެޓް ފެސިލިޓީ ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.
މިވަގުތު އެ ފެސިލިޓީގައި ގާތްގަނޑަކަށް 280 ބުޅާ ބަލަހައްޓަމުން އަންނައިރު، މި ގެންނަ ބަދަލާއެކު އެތަނުގެ ޖާގަ 500 އަށް ވުރެ ގިނަ ބުޅަލަށް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.



