ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށާއި ޤައުމީ މަޞްލަޙަތު ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަަށް، ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންނާއި މިޝަންތަކުގެ ވެރިންނާ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ރާއްޖޭގެ މަޞްލަޙަތުތައް ކުރިއެރުވުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ވަނީ ސަފީރުންނާ މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “މޯލްޑިވްސް ފަސްޓް”)” ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ދިވެހި ޑިޕްލޮމެޓިކް މިޝަންތަކުން އަދާކުރާ މުހިންމު ދައުރު އެކަމަނާ ފާހަގަކުރެއްވިއެވެ.
ވަޒީރު އިރުތިޝާމް ވިދާޅުވީ، ރާއްޖެއަށް އިޙްތިރާމްކުރާ އަދި ދިވެހި ރައްޔިތުންގެ މަޞްލަޙަތުތައް ކުރިއެރުވުމަށް އެއްބާރުލުންދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިޝްތިހާރުކޮށް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެކި ދާއިރާތައް ތަރައްޤީކުރުމުގައި މިޝަންތަކަށް އެހީތެރިވެވޭނެ ގޮތްތަކާއި، އިތުރަށް މަސައްކަތް ކުރެވެން ހުރި ދާއިރާތަކާ ގުޅޭގޮތުން ވަޒީރާއި ސަފީރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، ސަފީރުން ޤާއިމުވެ ތިއްބަވާ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެ ޤައުމުތަކުގައި ދިރިއުޅޭ އަދި އެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ރަނގަޅު ފުރުޞަތުތަކާއި ޚިދުމަތްތައް ކަށަވަރުކޮށްދިނުމަށް ވަޒީރު އިރުތިޝާމް ބާރުއެޅުއްވިއެވެ.



