ދިވެހިރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި އާ ޤާނޫނަކާއި ޤައުމީ ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، މި މަސައްކަތަކީ “މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029” ގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި މި ޕްލޭނުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދޭ އަދި އާންމުންގެ ތަޖުރިބާތަކަށް ރިއާޔަތްކުރާ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އަސާސީ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހިމަނައި، މުޅި ރާއްޖޭގައި މި ދާއިރާގެ ޚާއްޞަ ފަރުވާ ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، އޮންލައިންކޮށް ދެވޭ ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ފުޅާކުރުމާއި، ކުއްލި ޙާލަތްތަކާއި ދަތި އުނދަގޫ ދަނޑިވަޅުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުންވެސް މި ޕްލޭނުގައި ހިމެނޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވުމަށާއި އަވަހަށް ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، ކޮންމެ މީހަކަށްވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ލިބެންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، އެކަކު އަނެކަކަށް އަޑުއަހައި އެހީތެރިވެދޭ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސް ގޮވާލެއްވިއެވެ. އަދި އާއިލާތަކާއި މުޖުތަމަޢުގެ ތެރޭގައި އެކަކު އަނެކަކާ ވާހަކަދައްކައި، ހިތްވަރުދީ އެހީތެރިވުމަކީ އެކަކު އަނެކަކު ދެނެގަނެ، އެއްބައިވަންތަކަން އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



