އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ޑިޒައިންތައް ދައްކާލައިފިއެވެ .
އީގަލް ހިލްސް އަކީ ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫޢެއް ހިންގުމަށް ހުށަހަޅާފައިވާ ކުންފުންޏެވެ. ހުޅުމާލެ ފޭސް 3 ގައި އެ ކުންފުނިން ކުރިއަށްގެންދާ ހައުސިންގ މަޝްރޫޢުގެ ޑިޒައިންތައް ހިމެނޭ ވީޑިއޯއެއް މީސްމީޑިއާ ޕްލެޓްފޯމް އެކްސް (X) ގައި ހިއްސާކުރެއްވީ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި މަޝްރޫޢުގެ ޑިޒައިންތައް ތައްޔާރުކޮށްފައިވަނީ ސިންގަޕޫރުގެ އާކިޓެކްޗަރ ފާމްތައް ކަމަށްވާ ވާއު އާކިޓެކްޓްސް/ ވޯނަރ ވޮންގ ޑިޒައިން އިންނެވެ.
މި މަޝްރޫޢުގެ ދަށުން އުސް އެޕާޓްމަންޓް އިމާރާތްތަކާއި، މޫދު ފެންނަ ގޮތަށް ހުންނަ ވޯޓާފްރަންޓް ޓައުންހައުސްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށާއި އާންމުންނަށް ބޭނުންވާނެ އެކި ޚިދުމަތްތައްވެސް މި ތަރައްޤީގެ ތެރޭގައި ހިމެނެއެވެ.
އާންމުކޮށްފައިވާ ޑިޒައިންތަކުގައިވާ ގޮތުން، ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި، ކެފޭ، ރެސްޓޯރެންޓް، ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމަށް ޚާއްޞަ ސަރަޙައްދުތަކާއި މޫދަށް އެރެވޭނެ އިންތިޒާމުތައް އެ ސަރަޙައްދުގައި ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން ފެހި ޓެރަސްތަކާއި ހިތްގައިމު ލޭންޑްސްކޭޕް ސަރަޙައްދުތަކުގެ އިތުރުން ބޮޑު މިސްކިތެއްވެސް މި މަޝްރޫޢުގެ ދަށުން ބިނާކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
އަބޫދާބީގެ އަމިއްލަ ޕްރޮޕަޓީ ޑިވެލޮޕްމަންޓް ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ އަދި ދުބާއީ މޯލް ފަދަ މަޝްހޫރު ތަންތަން ބިނާކުރި އެމާރ ޕްރޮޕަޓީސްގެ ބާނީ މުޙައްމަދު އަލާއްބާރު އުފައްދަވާފައިވާ ކުންފުންޏެކެވެ.



