ޕާސްޕޯޓުގެ ޑިމާންޑް އިންތިހާއަށް އިތުރުވުމާއި ގުޅިގެން ހިދުމަތްދޭ ވަގުތު މޯލްޑިވްސް އިމިގްރޭޝަނުން އިތުރުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ ކޮވިޑް19 އާލަމީ ވަބާ އާއި ގުޅިގެން ގިނަ ދުވަސްތަކަކަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ދަތުރުކުރުމުގެ ލުއިިތައް އިތުރު ކުރުމާއި ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދުވެސް ވަނީ އަންދާޒާ ކުރިވަރަށްވުރެ ގިނަވެފައި ކަމަށެވެ.
އެގޮތުން ދުވާލެއްގެ މައްޗަށް ދިވެހި ޕާސްޕޯޓަށް އެދި ކުރިން އެވްރެޖުކޮށް 200 އެޕްލިކޭޝަން ހުށަހެޅިއިރު، އެއަދަދު އިތުރުވެ މިހާރު އެވްރެޖުކޮށް 800 އެޕްލިކޭޝަން ހުަށަހަޅާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
އެހެންކަމުން ރޭގަނޑު 9:30 އާއި ހަމައަށް މަސައްކަތްތައް މެދުކެނޑުމެއްނެތި މިހާރު ކުރިއަށް ގެންދާ ކަމަށާއި ރައްޔިތުންނަށް ދޭ ހިދުމަތުގެ ވަގުތު އިތުރު ކުރުމުގެ ގޮތުން 14 ޖޫންވާ އަންގާރަ ދުވަހުން ފެށިގެން މެންދުރު ފަހު 15:00 އާއި ހަމައަށް ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.