ގައުމީ ތަރައްގީއަށާއި މުޖުތަމައުގެ ލާބައަށް އަންހެނުން ކުރާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ “ރެހެންދި އެވޯޑު” އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ފުރުސަތު އޮންނާނީ 10 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށެވެ.
މި އެވޯޑަށް ވަކިވަކި އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަމިއްލައަށް ނުވަތަ އެހެން ފަރާތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނަން، އެ ކޮމިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭނީ އެއް ދާއިރާއަކުންނެވެ.
މި އަހަރު އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ލީޑަޝިޕް އަދި ގަވަނަންސް، އިގުތިސާދީ ގޮތުން ބާރުވެރިކުރުވުން، އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުން، އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ހިމެނެއެވެ. އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ އެކަމަށް އެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީން، ހުށަހަޅާ ލިޔެކިޔުންތަކާއި އިންޓަވިއު އަދި ކޮށްފައިވާ މަސައްކަތްތަކަށް ބެލުމަށްފަހުގައެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ރެހެންދި އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. މިއީ ގައުމީ ޚިދުމަތުގައި އަންހެނުން އަދާކުރާ މުހިންމު ދައުރާއި، އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް ބާރުވެރިކުރުވުމަށް ކުރެވޭ މަސައްކަތްތައް ގައުމީ ފެންވަރުގައި ބަލައިގަތުމުގެ ގޮތުން ދެމުން އަންނަ ޝަރަފުވެރި އެވޯޑެކެވެ.



