ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނުރައްކާތެރި މިންވަރަކަށް ވައިގެ ސާފުމިންވަރު ދަށަށް ގޮސްފައިވާކަމަށް އެއާ ކޮލިޓީ އިންޑެކްސް މޮނިޓަރިންގ ސިސްޓަމްތަކުން ދައްކައިފިއެވެ. މިގޮތުން އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ އުތުރުގެ ރަށްތަކުގައެވެ.
މޮނިޓަރިންގ ސިސްޓަމްތަކުގެ ރެކޯޑުތަކަށް ބަލާއިރު، ހދ. ކުޅުދުއްފުށީގެ އެއާ ކޮލިޓީ އިންޑެކްސް 170 ގައި ހުރިއިރު، ށ. ފުނަދޫގައި ހުރީ 162 ގައެވެ. އަދި ވެރިރަށް މާލޭގައި މި މިންވަރު ހުރީ 102 ގައެވެ. މެދު ރާއްޖެތެރޭގެ ރަށްތަކުގައި އިންޑެކްސްގެ މިންވަރު 50 އާއި 75 އާ ދެމެދުގައި އުޅޭއިރު، ދެކުނުގެ ރަށްތަކުގައި ހުރީ 50 އިން ދަށުގައެވެ.
އެއާ ކޮލިޓީ އިންޑެކްސް 50 އިން މައްޗަށް ދިއުމަކީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ މިންވަރެކެވެ. އިންޑެކްސް 100 އިން މަތިވުމުން ޞިއްޙީ ގޮތުން ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުންނަށް އޭގެ އަސަރު ބޮޑުވާއިރު، 150 އިން މައްޗަށް ދިއުމަކީ އާންމުކޮށް އެންމެންގެ ޞިއްޙަތަށްވެސް ނުރައްކާވާ ޙާލަތެކެވެ.
ރާއްޖެއަށް އާންމުކޮށް މިފަދައިން ނުސާފު ވައިގެ އަސަރު ފޯރަނީ އިރުވައި މޫސުމުގައި އުތުރު އިންޑިއާ ސަރަޙައްދުން އަންނަ ވައިގެ ސަބަބުންނެވެ. އެ ސަރަޙައްދުގެ ކާރުހާނާތަކުން އަރާ ދުމާއި، ހިރަފުހާއި، ދަނޑުވެރިކަމުގެ ކުނި އެންދުމުގެ ސަބަބުން ޖައްވު ތަޣައްޔަރުވެއެވެ. އަންނަ ޑިސެމްބަރު މަހު އިރުވައި މޫސުން ފެށުމާއެކު މި އަސަރު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ވައި ނުސާފުވާ ދުވަސްވަރު ރާއްޖޭގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ވެސް ފާހަގަކުރެވެއެވެ.



