ހއ. ބާރަށު ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ ދަށުން ނެރާއި އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމާއި، އެއްގަމުތޮށި ލުމާއި، ނެރުފައިކަށި އެޅުމުގެ އިތުރުން ރޭމްޕާއި ޑިންގީ އެޅުމަށް ޚާއްޞަ ކޮންކްރީޓް ޖެޓީއެއް ހެދުން ހިމެނެއެވެ. އަދި ގްރޮއިން ޖެހުމާއި، ރިވެޓްމަންޓް ޖެހުމާއި، ސޭންޑް ފިލްޑް ބްރޭކްވޯޓާ ޤާއިމުކުރުމުގެ އިތުރުން މޫރިންގ ބޯއީ އާއި ބަނދަރާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫޢުގެ އެންމެހައި މަސައްކަތްތައް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.



