ހުޅުމާލޭގައި ހުއްދަ ނެތި ކާބޯތަކެތީގެ ޚިދުމަތް ދެމުންދިޔަ ހަތަރު ތަނެއް ބަލައިފާސްކޮށް ބަންދުކޮށްފި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން މަޢުލޫމާތު ދިން ގޮތުގައި މި ތަންތަން ބަންދުކޮށްފައިވަނީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި ޚާއްޞަ އިންސްޕެކްޝަން އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް އެ ތަންތަން ފެތޭތޯ ބެލުމަށާއި، ޤަވާޢިދާ ޚިލާފަށް ހިންގާ ތަންތަން ދެނެގަތުމަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އިންސްޕެކްޝަނުގައި ހުޅުމާލޭގެ ޖުމްލަ 26 ތަނެއް ބަލައިފާސްކޮށްފައިވާއިރު، ހުއްދަ ނެތި ޚިދުމަތް ދެމުންދިޔަކަން ފާހަގަކުރެވުނު ހަތަރު ތަނެއް ވަނީ ވަގުތުން ބަންދުކޮށްފައެވެ. ނަމަވެސް އެ ތަންތަނުގެ ތަފްޞީލެއް އެ އޮތޯރިޓީން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، އަމިއްލަ ގޭގޭގައި ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައިފާސްކުރުމަށް ހިންގާ ޚާއްޞަ އިންސްޕެކްޝަނެއް އަންނަ މަހުގެ 5 އިން 20 އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.



