ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްޤީކޮށް ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމަށް ނިންމައި، އެ މަޝްރޫޢު ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ދިފާޢީ އަދި ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މި މަޝްރޫޢު ނިމުމުން މިހާރު އެތަނުގައި ދިރިއުޅޭ މީހުންގެ އިތުރުން، ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ވަގުތީ ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި މަޝްރޫޢަކީ ސިފައިންގެ ޚިދުމަތް ފުޅާވެ، ބޯހިޔާވަހިކަމަށް އެދޭ މިންވަރު އިތުރުވަމުންދާތީ، ސިފައިންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވާނެކަމަށް މިއަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ވެލްފެއާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ.
ޑިފެންސް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މިހާރު އެތަނުގައި ދިރިއުޅެމުންދާ ޢާއިލާތަކަށް ކުރިމަތިވެދާނެ ދަތިތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން މަސައްކަތް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެންމެ ފުރަތަމަ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބަނޑޭރިކޮށި 1 އެވެ.
ބަނޑޭރިކޮށި 1 ގެ އެޕާޓްމަންޓްތައް ހުސްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، މިހާރު އެތަނުގައި ދިރިއުޅޭ ފަރާތްތަކާ މަޢުލޫމާތު ޙިއްޞާކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި ޙައްލު ހޯދައިދިނުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ބަނޑޭރިކޮށި 1 ގެ ޢިމާރާތް އަލުން ތަރައްޤީކޮށް ނިމުމުން، މިހާރު އެތަނުގައި ދިރިއުޅެމުންދާ ފަރާތްތައް އަލަށް ބިނާކުރެވޭ އެޕާޓްމަންޓްތަކަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.



