ޗައިނާ އަދި ދިވެހިރާއްޖޭގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ “ޗައިނާ – މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި ފޯރަމް ކުރިއަށްދަނީ ބާސެލޯ ނަސަންދުރާގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޗައިނާ އެމްބަސީ ގުޅިގެން އެއް ދުވަހުގެ މުއްދަތަށް އިންތިޒާމުކުރި މި ފޯރަމްގައި 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ޗައިނާގެ 40 އަށްވުރެ ގިނަ ކުންފުނި ހިމެނޭއިރު، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭ ފަސް ފަހުމުނާމާއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، މި ފޯރަމްގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އައު ހަރުފަތަކަށް ވާސިލުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ދަތުރުފަތުރާއި، ދަނޑުވެރިކަމާއި، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޗައިނާގެ އެހީތެރިކަމާއެކު ރާއްޖެއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެއްބަސްވެވޭ ދާއިރާތަކުން އެއްބާރުލުން ދިނުމުގައި ޗައިނާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، މި ސަރުކާރުން މިހާތަނަށް ވަނީ ޗައިނާ، ޔޫއޭއީ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު، އިނގިރޭސިވިލާތް އަދި ޕާކިސްތާން ހިމެނޭހެން 7 ޤައުމެއްގައި ބިޒްނަސް ފޯރަމްތައް ބާއްވައި، ރާއްޖޭގައި ހުރި ފުރުޞަތުތައް ބޭރުގެ ވިޔަފާރިވެރިންނަށް ތަޢާރަފުކޮށްދީފައެވެ.



