ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމަޢެއް ބިނާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ކަރާމާތާއި ގުޅުންތަކުގެ އިތުރުން މުސްތަޤުބަލުގެ އުއްމީދުތަކާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން ޑިޕްރެޝަނާއި އެންޒައިޓީ ފަދަ މައްސަލަތަކުން އަރައިގަތުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ މުޖުތަމަޢުން އެކަމަށް ދެކޭ ގޮތްކަން ފާހަގަކުރައްވައި، ފަރުވާ ހޯދުމުގައި ފަސްނުޖެހޭ މާހައުލެއް ޤާއިމުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ތަޢުލީމީ ފިއްތުންތަކާއި، އާއިލީ މައްސަލަތަކާއި އޮންލައިން މާހައުލުގެ ސަބަބުން ކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަން ފާހަގަކުރައްވައި، އެފަދަ ކަންކަން ދެނެގަނެ ލޯތްބާއި އަޅާލުމާއެކު އެހީތެރިކަން ދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ކޮންމެ ރަށަކުންވެސް ފަސޭހައިން ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މުހިންމު އަމާޒެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި 2029 އާ ހަމައަށް އެކުލަވާލާފައިވާ މެންޓަލް ހެލްތު ސްޓްރެޓެޖިކް ޕްލޭންގެ ދަށުން، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ޤައުމީ ފެންވަރުގައި މި ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.



