ރާއްޖެއިން ބޭރަށް ދިވެހިން ދަތުރުކުރުމަށް ވިސާ ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި، ލިޔެކިޔުންތައް ފުރިހަމަކުރުމަށާއި، ދުރާލާ އެޕޮއިންޓްމަންޓް ހޯދާ، ވިސާއަށް އެޕްލައި ކުރުމަށް ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ވިސާ ހޯދުމުގެ ކަންކަމުގައި އެ މިނިސްޓްރީގެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށާއި، އަދި ވިސާ ހޯދުމުގައި ދިވެހިންނަށް ލުއި ފަސޭހަގޮތްތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ.
ވިސާ ދޫކުރުމަކީ އެ ޤައުމަކުން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ ދަށުން ކުރިއަށްގެންދާ، އަދި އެކަމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު ހަމައެކަނި އެ ވިސާ ދޫކުރާ ޤައުމަކަށް ލިބިފައިވާ ކަމެއް ކަމަށާއި މީގެ ތެރޭގައި، ވިސާ ދޫކުރުމަށް ހޭދަވާނެ މުއްދަތުތައް ކަނޑައެޅުމާއި، އެކި ބާވަތުގެ ވިސާއަށް ތަފާތު ލިޔެކިޔުން ހުށަހަޅަން ޖެހުމާއި، އަދި ބައެއް ހާލަތްތަކުގައި ބައޮމެޓްރިކްސް ނެގުމަށާއި އިންޓަވިއުއަށް، ޚުދު ވިސާއަށް އެދޭ ފަރާތް ހާޟިރުވާންޖެހުންވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
“ އެހެންކަމުން، އެކަށީގެންވާ ވަގުތު އޮއްވައި ވިސާއަށް އެދި ހުށައެޅުމާއި، ލިޔެކިޔުންތައް ފުރިހަމަކުރުމާއި، ދުރާލައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމައެއާއެކު، މި މިނިސްޓްރީ މެދުވެރިކޮށް ވިސާ އެޕްލިކޭޝަނާއި ޕާސްޕޯޓު ފޮނުވަންޖެހޭ ޙާލަތްތަކުގައި، ވިސާ ޕްރޮސެސްކުރުމަށް މިނިސްޓްރީގެ ޑިޕްލޮމެޓިކް ޕައުޗުގައި ޕާސްޕޯޓު ފޮނުވުމާއި އަނބުރާ ގެނައުމަށްވެސް ވަގުތު ހޭދަވާތީ މިކަމަށް ސަމާލުވުމަކީ ވަރަަށް މުހިއްމު ކަމެކެވެ.” މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ
ފަހަކަށް އަައިސް ވިސާއަށް އެދި މިނިސްޓްރީއަށް ހުށަގަޅާއިރު، ވިސާއަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް، އަދި ވިސާ ޕްރޮސެސްކުރުމަށް މިޝަންތަކުން ކަނޑައަޅާފައި ހުންނަ މުއްދަތަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އެޕްލިކޭޝަން ފޮނުވުމާއި، އެޕޮއިންޓްމަންޓް ތާރީޚް އަވަސްކުރުމަށް އެދެމުންދާކަން ފާހަގަކުރެވެއެވެ. މިގޮތަށް ޢަމަލުކުރުމުގެ ސަބަބުން، ފުރަން ހަމަޖެހިފައި އޮންނަ ތާރީޚަށް ވިސާ ނުލިބުންފަދަ ޙާލަތްތައް ތަކުރާރުވަމުން ދާކަން ހިތާމައާއެކު ފާހަގަކުރަމެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން، އަދި ވަކިން ޚާއްޞަކޮށް، ޝެންގެން ޤައުމުތައް ހިމެނޭހެން، ދިވެހި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބަސީތައް ގިނަ ޢަދަދަކަށް ހުންނަ ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި ހަކަތައިގެ ކާރިޘާއާ ގުޅިގެން، ވިސާ ސެންޓަރުތަކާއި އެމްބަސީތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރައި، މަސައްކަތުގެ ގަޑިތައް މަދުކޮށް، އެޕޮއިންޓްމަންޓްތައް ލިމިޓްކޮށްފައިވާކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.