ބައިނަލް އަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީން ނިންމުމާއި ގުޅިގެން އެކަން ހުއްޓުވުމަށް ފުލުހުންނަށް އަންގާ ސިޓީއެއް ފޮނުވާފައި ނުވާނެ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބުނެފިއެވެ.
އެމިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 15 ޖޫންގައި ފުލުހުންނަށް ފޮނުވާފައިވާ ސިޓީ އަކީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކާއި ގުޅިގެން ފޮނުވާފައިވާ ސިޓީއެއް ނޫން ކަމަށެވެ.
އަދި އެ ސިޓީގައި ހިމެނިފައިވާ ފަތުވާ ނެރެފައިވަނީ މިނިސްޓްރީގައި އެފަދަ ކަންތައްތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ހިލާފަށް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. އެހެންކަމުން ޔޯގާގެ ޝަރުއީ ހުކުމާމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފުސީލީ ފަތުވާއެއް ހޯދުމަށްފަހު އާއްމުކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.