މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުންފާސްކޮށްފިއެވެ.
ހެއްކާއި ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުގެ ބިލް ހުށައަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ އެވެ. އަދި މި ބިލާއި ގުޅިގެން ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހެއްކާއި ބެހޭ ގަނޫނުގެ 136 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހެވެ.
މި އިސްލާހު ފާސްކޮށްފައިވަނީ 50 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 5 މެންބަރަކު ވޯޓު ދެއްވިއިރު، ވަކިގޮތަކަށް ވޯޓު ދެއްވަން ބޭނުންފުޅު ނުވާ 2 މެންބަރަކު ތިއްބެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވީ މި ބިލު ދިރާސާ ކުރި ޖުޑިޝަރީ ކޮމެޓީގައި ތިއްބަވާ ދެ މެންބަރުންނެވެ.
މި އިސްލާހުގައި ވާފަދައިން މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށްބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ހެއްކާ ބެހޭ ބިލު މިގޮތަށް ބާއްވާ ފާސްކުރުމުން މަޖިލީހުގެ މެންބަރުންނާއި ނޫސްވެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.