އަމާންކަން ނެތް މުޖުތަމައެއް، އެއްވެސް މައިދާނެއްގައި ތަރައްގީއެއް ނުވާނެ ކަމަށާއި އަބުރާއި އިއްޒަތްވެސް ހިމާޔަތް ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއަކީ އިޖުތިމާއީ އަމާންކަމުގެ މުހިންމުކަމެވެ.
އަމާންކަން ނެތް ވެއްޓެއްގައި ދިރިއުޅޭ ބަޔަކަށް ފުރިހަމަ ސިއްހަތާއި ތަނަވަސްކަމުގެ އުފަލެއްވެސް ނުލިބޭނެ ކަމަށް ބުނެފައިވެއެވެ.
“އަބަދުމެ ތިބެން ޖެހޭނީ ކަންބޮޑުވުމާއި ހާސްކަމުގެ ތެރޭގައި. މިއާ ހިލާފަށް އަމާން ވެއްޓެއްގެ އަފްރާދުން ގާބިލްކަން ހުރި ދާއިރާތަކުގައި ތަރައްގީވާނެ” ހުތުބާ.
އަމާން ކަމަކީ ކޮންމެ ފަރުދެއްގެ ވެސް އަސާސީ ހައްގެއް ކަމަށާއި ދިރިހުރުމުގެ ހައްގާއި މިލްކްވެރިކަމުގެ ހައްގަކީ އިންސާނާގެ އެންމެ އަސާސީ ދެ ހައްގު ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
އީމާން ކަމަށްފަހު އެންމެ ބޮޑު ނިއުމަތަކީ ސިއްހަތު ސަލާމަތުން ހުރުމާއި އަމާންކަން ލިބިގެންވުން ކަމަށްވާއިރު އަމާންކަމަކީ ހަޔާތުގެ އެންމެ މުހިންމު ބަހާއެވެ. އަދި އެއާ ނުލާ ކުރިއެރުމެއް ނުލިބޭއިރު އެއީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ހެޔޮ ފަރުވާއެވެ.
“ އަމާން ވެއްޓެއްގައި ނަފްސްގެ ރައްކާތެރިކަން އޮންނާނެއެވެ. އަނބިދަރީންނާއި މުދަލުގެ މައްޗަށް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އަބުރާ އިއްޒަތާއި މެދު ބިރުގަންނާކަށް ނުޖެހޭނެއެވެ. “ ހުތުބާ
މިފަދަ ފުރިހަމަ ސިފަތަކެއް އެކުލެވިގެންވާ ދިރިއުޅުމަކަށް މަގުދައްކާ ނިޒާމަކީ ހަމައެކަނި އިސްލާމީ ނިޒާމު ކަމަށް ހުތުބާގައި ބުނެފައިވެއެވެ.