މިޒަމާނުގައި އަމިއްލަ އާއިލާއާއެކު އުޅުމަށްވެސް ގިނަ ބަޔަކު ނުރުހޭ ކަމަށާއި އެއީ ގިނަ މީހުންނަކީ އަނެއްކާގެ އިހުސާސްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ މީހުންނަށް ވާތީ ކަމަށް މުފްތީ މެންކް ވިދާަޅުވެއްޖެއެވެ.
ހޮނިހިރުދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބޭއްވި މުފްތީ މެންކް ދަރުސް ދެއްވާފައިވަނީ އިސްލާމްކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަން، މި މައުޟޫއަށެވެ..
މުފްތީ މެންކް ވިދާޅުވީ މި ޒަމާނުގައި އަމިއްލަ އާއިލާއާއިއެކު އުޅުމަށްވެސް ގިނަ ބަޔަކު ނުރުހޭކަމަށާއި އެއީ ގިނަ މީހުންނަކީ އަނެއްކާގެ އިޙްސާސްތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ މީހުންނަށް ވާތީކަމަށެވެ. އެހެންކަމުން ތިމާއަކީ އެފަދަ މުޖުތަމަޢު ބަދަލުކޮށްލަދޭނެ، އަދި އޯގާތެރިކަމާއި އަޅާލުންދޭ މީހަކަށް ވެއްޖެނަމަ، އެ މުޖުތަމައަކީ އުފާވެރި، އަޅާލުމާއި ލޯބި ލިބިގެންދާނެ މުޖުތަމައަކަށްވެގެންދާނެކަމަށެވެ. އެހެންކަމުން އެފަދަ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އިސްލާމްދީނުގައި މިކަންކަން ވަރަށް ސާފުކޮށް ތަފްސީލީ ގޮތެއްގައި އަންގާވާފައިވާކަން ބަޔާންކުރައްވަމުން، ދީނުގެމަތީގައި ސާބިތުވެ ތިބުމަށް އިރުޝާދުދެއްވިއެވެ.
މުސްލިމުންނަކީ މާތްﷲ ފިޔަވައި އިތުރު ފަރާތަކަށް އަޅުކަން ކުރުން ހައްޤުވެގެން ނުވާކަމަށް ހިތާއި ދުލުން ޤަބޫލުކުރާބަޔަކަށްވާއިރު އިސްލާމްދީނުގެ ރުކުންތަކުން އެންމެ ފުރަތަމަ ރުކުންކަމުގައިވާ ޝަހާދަތުގެ ދެކަލިމައިން އެނގިގެންދަނީ އެކަން ކަމަށް ވިދާޅުވެ ޝަހާދަތުގެ ދެކަލިމައިގެ މާނަ ތަފްސީލާއިއެކު ކިޔައިދެއްވިއެވެ.
އެހެންކަމުން އިސްލާމްކަމަކީ ޝަހާދަތުގެ ދެކަލިމައިގައިވާގޮތަށް އަމިއްލަ ނަފްސު ތަރުބިއްޔަތުކޮށް، ރައްކާތެރިކުރުންކަމަށް ވިދާޅުވިއެވެ.
އިސްލާމްދީނަކީ ވަކި ރުކުންތަކެއްގެ މައްޗަށް ބިނާވާ ދީނެއްކަން ފާހަގަކުރައްވާ އެ ރުކުންތަކަށް ތަފްސީލުކޮށް މި ދަރުސްގައިވަނީ ބައްލަވާލައްވާފައެވެ.
އެގޮތުން ނަމާދުކުރުމުގައި ހުޝޫޢަތްތެރިވުމާއި މާތްﷲއަށް ކިޔަމަންތެރިކަމާއިއެކު ނަމާދުކުރުމަކީ އެމީހަކަށް ބާއްޖަވެރިކަން ލިބިގެންދާނެކަމެއްކަމަށާއި އެހެންނަމަވެސް އެމީހަކު އެއީ ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން ހަމައެކަނި ކަމަކަށް ކުރާކަމެއްނަމަ އެކަމުގައި އެއްވެސް ބަރަކާތެއް ނުވާނެކަމަށް ވިދާޅުވިއެވެ. ހަމައެފަދައިން ޒަކާތަކީ އޯގާތެރިކަމާއި ގުޅިފައިވާ އީމާންތެރިކަމުގެ ތަނބުކަން ފާހަގަކުރެއްވިއެވެ.
މާތް ﷲ އެއްވެސް އަޅަކަށް ބޭނުން ނުވާކަމަށާއި އެހެންނަމަވެސް ހުރިހާ އަޅުތަކުން އެކަލާނގެއަށް ބޭނުންވެގެންވާކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މާތްﷲ އަޅަކުދެކެ ލޯބިވޮޑިގަންނަވާނަމަ އެމީހަކަށް އިމްތިހާންތަކާއި ކުރިމަތިކުރައްވާކަމަށެވެ.
އިންސާނާގެ ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަންކަން ފާހަގަކުރައްވާ މުފްތީ މެންކް ވިދާޅުވީ މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން އެކަމެއް ބަލައިނުގަތަސް އެކަމާ ދެރަ ނުވުމަށެވެ. އޭގެ ބަދަލުގައި މާތްﷲ ތިމާއަށް ދެއްވަންހުރި ހެޔޮކަމާއި ދަރުމައަށް ވިސްނައި، ގިނަ ގިނައިން ﷲއަށް ދުޢާކޮށް ޙަމްދުކުރުމަށް އެދިވަޑައިގެންނެވިއެވެ.
އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، އޯގާވެރިވުމަށާއި އަދަބު އިޚްތިރާމް އަދާކުރުމަށް އެދިވަޑައިގެން ހިނިތުންވުމަކީވެސް ސަދަގާތެއްކަމަށް ވިދާޅުވިއެވެ.އެހެންކަމުން ގިނަ ގިނައިން ހިނިތުންވުމަށް މުފްތީ މެންކް ވަނީ މި ދަރުސްގައި ނަސޭހަތްތެރިވެވަޑައިގެންފައެވެ.