- Advertisement -ad image

ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ: ޑރ. ޢަލީ ޒާހިރު

ad image

ގުޅުންހުރި ލިޔުންތައް


ނަބިއްޔާގެ ސީރަތުން ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ޑރ. އަލީ ޒާހިރު މިހެން ވިދާޅުވީ ”ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް އައްޑޫ ހައި ސްކޫލު ހޯލްގައި ހުކުރު ދުވަހުގެ ރޭ ބޭއްވި އިޙްޔާ ފޯރަމުގައި ތަޤްރީރު ކުރައްވަމުންނެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އަތޮޅުތަކުގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައި ތަޤުރީރުކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛް މުޙައްމަދު އަނީލްއާއި ޑރ. ޢަލީ ޒާހިރު އެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ ރަސޫލާ ﷺގެ ސީރަތަކީ ކިޔައި، އަޑުއަހައި، ފޫހިނުވާނެފަދަ ތަރުބަވީގޮތުން އަޅުގަނޑުމެންގެ ޙަޔާތަަށް އެތައް ބަދަލެއް ގެނުވާނެ ކަމެއްކަމަށެވެ. އެގޮތުން އަޅުކަންތަކާއި، މީހުންނާއި މުޢާމަލާތުކުރައްވާ ގޮތާއި، އެކަލޭގެފާނުގެ އަޚްލާޤަށް ބައްލަވާލެއްވިއެވެ.

އިންސާނެއްގެ އަޅަކަށްވުމަކީ ނިކަމެތިކަމެއް، ދެރަކަމެއް ކަމަށާއި އެހެންނަމަވެސް މުޅި ކާއިނާތުގެވެރި އިލާހުގެ އަޅަކަށްވުމަކީ އެ އަޅަކަށް ލިބޭ މަތިވެރިކަމެއް އަދި ޝަރަފެއްކަމަށް ވިދާޅުވި އެވެ. ޑރ. އަލީ ޒާހިރުގެ ވާހަކަފުޅުގައި ރާސޫލާ ﷺ ގެ ޙަޔާތްޕުޅުގައި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތަކަށް އިސްކަންދެއްވާ މިންވަރު ތަފްސީލުކޮށްދެއްވިއެވެ. އަދި ރޯދަހިއްޕެވުމާއި، ޞަދަޤާތްކުރެއްވުމުގައި ޢަމަލު ކުރެއްވި ގޮތްތަކަށް ބައްލަވައި އެކަލޭގެ ފާނުގެ ޙަޔާތްޕުޅުގައި ދިމާވެފައިވާ އެކިއެކި ހާދިސާތައް ތަފްސީލުކޮށްދެއްވިއެވެ.

މި ފޯރަމްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް ތަޤުރީރުކުރައްވަމުން، ރާސޫލާ ﷺގެ ރިވެތި އަޚްލާގުފުޅަށް ވަރަށް ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވިއެވެ. އެގޮތުން އެކަލޭގެފާނު އެންމެ އާދައިގެ މީހަކާ މުޢާމަލާތުކުރައްވާއިރުވެސް އެމީހަކީ ވަރަށް މުހިންމު މީހެއްކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާކަން ފާހަގަކުރައްވައި އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދިމާވި އޭގެ ބައެއް މިސާލުތައް ތަފްސީލުކޮށްދެއްވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ވިސްނައި އެގޮތަށް އަޅުގަނޑުމެން އަމަލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ޢަދުލުވެރިކަމާއި އޯގާތެރިކަމާއި ހިތްހެޔޮކަމާ މިކަންކަމަކީ ރަސޫލާ ﷺގެ ކިބައިގައި އާދަޔާ ޚިލާފަށް ހުންނެވި ކަންކަން ކަމަށްވެސް ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް އޮންނާނީ މިމަހުގެ 31 ވާ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އޮންނަ އިޙްޔާ ފޯރަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ